ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް، ރާއްޖޭޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި، ރައީސް ޔާމީނަށް ރިޝްވަތު ދިންކަމަށް ސާބިތުވުމުން އޭނާގެ މައްޗަށް 3 އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލްް މިއަދު އިއްވައިފިއެވެ.

ޔޫސުފް ނަޢީމް ރައީސް ޔާމީނަށް ރިޝްވަތު ދީފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމަށް ހިންގި މުއާމަލާތުގެތެރެއިންނެވެ. އެރަށް ޔޫސުފު ނަޢީމަށް ކުއްޔަށް ދިނުމުގެ މުގާބިލުގައި ޔޫސުފް ނަޢީމް ރައީސް ޔާމީނަށް ރިޝްވަތުދީ އަދި ރައީސް ޔާމީން އޭގައި ހިއްޕެވިކަން ސާބިތުވާ ކަމަށް ވެސް ގާޒީ ޝަކީލް ވިދާޅުވިއެވެ.

އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ، އޭނާ ކުށްވެރިވެފައިވަނީ ދައުލަތުގެ އިސް މަގާމެއްގައި ހުރި މީހަކަށް ރިޝްވަތު ހުށަހަޅާފައިވާތީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ ގެ ދަށުން ކަމަށެވެ. ޔޫސުފު ނައީމަށް ކުރި ހުކުމް ލުއިކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނަސް ގާޒީ އެކަން ކޮށްދެއްވައިފައިނުވެއެވެ.