ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމަކީ މާލޭ ސިޓީއަށާއި މުޅި ދިވެހި އުންމަތަށް ނިކަމެތިކަން ލިބިގެން ދިޔަ ޙުކުމެއް ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ރާއްޖެއަށާއި މާލޭ ސިޓީއަށް ބޮޑެތި ތަރައްގީ އެތައް ގުނައަކަށް ގެނެސްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އެއާއެކު އެމަނިކުފާނު ވަނީ ރައްޔިތުންގެ ލޯބި ވެސް ހޯއްދަވާފައި ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށައި އެއީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުސަަތަށް ހުރަސްއެޅުމަށް ކުރި ހުކުމެއް ކަމަށް ވެސް ކައުންސިލުން ވިދާޅުވެފައިވެއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވާދަކުރައްވަން ނިންމަވާފައިވަނީ އެތައް ބައެއްގެ ތާއީދާއެކު ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"ޝައްކެއްނެތް ގޮތުގައި މި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއްކަމާއި ހުކުމްކޮށްފައިވަނީ ފާސިގުންގެ ހެކިބަހާ އެކުކަން އެނގިހާމަވެއެވެ. އަދި އިއްޔެ މިކުރެވުނު އިންސާފެއްނެތް ހުކުމަކީ އަދުލު އިންސާފުގެ ނިޒާމް ބޮއްސުންލާފައިވާ މިންވަރު ހާމަވެގެންދާ ހުކުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގި ހާމަވެގެންދެެއެވެ."

މި ސަބަބުތަކަށްޓަކައި ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށް ވެސް ސިޓީކައުންސިލުުން ވިދާޅުވެފައިވެއެވެ. މި ހުކުމުގެ ސަބަބުން ރާއްޖެވަނީ ފުން އަނދަވަޅަކަށް ވެއްޓިފައި ކަމަށް މާލޭސިޓީ ކައުންސިލުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.