ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މ. ކޮޅުފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަަޑައިގެންފިއެވެ. މި ދަތުރުފުޅަކީ މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާއިގުޅިގެން އެރަށުގައި ބޭއްވި ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގަައި ރައީސް ވަނީ، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެ އިތުރުން އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާ އެމަނިކުފާނު ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބޭއްވި އަތުގުޅާކުމުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ.