ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާއިން މިހާތަނަށް 15 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ފުލުހުންގެެ ބެލުމުގެ ދަށަށް އެމީހުން ގެންދިޔައީ އަމުރަށް ނުކިޔަމަންތެރިވެގެންނާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށް އެނގިފައިވެއެވެ. މިރޭ ހައްޔަރުކުރި 15 މީހުންގެ ތެރެއިން މިހާތަނަށް އަދި އެކަކު ވެސް ދުލެއް ނުކުރެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ތަލާލް ވިދާޅުވީ ރޭގެ މުޒާހަރާއިން 16 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރޭ ފަތިހު އެ އެންމެން ވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިރޭ ވަނީ އައްޑޫ ސިޓީއާއި ކުޅުދުށްފުށީގައި ވެސް އިހުތިޖާޖު ކޮށްފައެވެ.

ރެއާއި މިރޭ ބޭއްވި މުޒާހަރާގައި ވަނީ ރައީސް ރައީސް އިބްރާހީމް މުހައްމަދު އިސްތިއުފާއަށް ވެސް ގޮވައިފައެވެ.

މި މުޒާހަރާތައް ފެށުނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރީގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ހިސާބުންނެވެ.