މަތިންދާ ބޯޓު ހޯދަން އުޅުނު ޑައިވަރަކު މަރުވެއްޖެ

0

މިދިޔަ ހޯމަދުވަހު، އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރައިގެން ޕަންގްކަލް ޕިނޭންގަށް ދަތުރުކުރި، އެގައުމުގެ ލަޔަން އެއާވޭސްގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ޑައިވަރަކު މަރުވެއްޖެއެވެ.

Advertisement

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މަރުވެފައިވަނީ، އިންޑޮނޭޝިއާގެ ރައްޔިތެއް ކަމުގައިވާ ސިޔަޗުރުލް އެންޓޯ ކިޔާ މީހެކެވެ.

ހާދިސާއާގުޅިގެން އިންޑޮނޭޝިއާ ކަނޑުގެ ސިފައިންގެ ސާޗް އެންޑް ރެސްކިއު ޑިވިޝަނުގެ ކޮމާންޑަރު އިސްވާޓޯ ވިދާޅުވެފައިވަނީ، މަރުވި ޑައިވަރަކީ، މީހުން ހޯދުމުގެ މަސައްކަތްކުރާ ޓީމާއި ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ގުޅިގެން މަސައްކަތްކުރި މީހެއް ކަމަށެވެ.

ކޮމާންޑަރު އިތުރަށް ވިދާޅުވެފައިވަނީ، މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، އޭނާ ފެނުނީ ހޭނެތިފައި އޮތްވާ ކަމަށެވެ. މީގެ އިތުރަށް އޭނާ މަރުވެފައިވަނީ، ފަރުވާ ދެމުން ގެންދަނިކޮށް ކަމަށް ވެސް ކޮމާންޑަރު ވިދާޅުވެފައިވެއެވެ.

ހާދިސާގައި މަރުވި އެންޓޯއަކީ، އެކިއެކި ހާދިސާތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މީގެ ކުރިން ވެސް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

އެންޓޯގެ މަރާގުޅިގެން އިންޑޮނޭޝިއާ ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނެފައިވަނީ، މިކަމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެންޓޯ ފަދަ މީހަކު ނެތިގެން ދިޔުމަކީ މުޅިގައުމަށް ދިމާވި ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

މީގެ އިތުރަށް އެންޓޯގެ މަސައްކަތްތައް އިންޑޮނޭޝިއާއިން އަބަދުވެސް ހަނދާން ކުރާނެ ކަމަށް އެއެޖެންސީން ބުނެފައިވެއެވެ.

 

 

Advertisements