51 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ގަތުމަށް އޮސްޓްރޭލިއާ ސަރުކާރުން ޖެހި އޯޑަރެއް ކެންސަލް ކޮށްފިއެވެ.

ކެންސަލް ކޮށްފައިވަނީ، ވެކްސިން އުފައްދާ ކުންފުންޏެއް ކަމަށްވާ ސީއެސްއެލް ލިމިޓެޑާއި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކްއިންސްލޭންޑް ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިންގެ އޯޑަރެވެ.

މިވެކްސިން ގަތުމަށް ކޮށްފައިވާ އޯޑަރު އޮސްޓްރޭލިއާ ސަރުކާރުން ކެންސަލްކުރީ، ވެކްސިންގެ އަޖުމަބެލުމަށް ކުރިއަށް ގެންދިޔަ ފުރަތަމަ ފޭހުގެ ކްލިނިކަލް ޓްރައިލްސްތަކުން، އެ ވެކްސިންގެ ބޮޑެތި މައްސަލަތައް އުޅޭކަން ހާމަވުމާ ގުޅިގެންނެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނެފައިވަނީ، ސީއެސްއެލް ވެކްސިންގެ ބަދަލުގައި އެގައުމަށް އިތުރަށް ދެން ހޯދާނީ މިހާރުވެސް ގެންނަން ރާވާފައިވާ އެހެން ވެކްސިންތައް ކަމަށެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯޑާއި، އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިންގެ 20 މިލިއަން ޑޯޒް އަދި ނޯވަވެކްސް އިންކޯޕަރޭޓެޑުން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ 11 މިލިއަން ޑޯޒް ގަތުމަށް އޮސްޓްރޭލިއާއިންވަނީ އޯޑަރު ޖަހާފައެވެ.

ފައިޒަރއާއި މޮޑަނާފަދަ ކުންފުނިތަކުން އުފެއްދި ވެކްސިން ކާމިޔާބު ކަމަށް ދައްކާފައިވީ ނަމަވެސް، ސީއެސްއެލްގެ ވެކްސިންގެ ނާކާމިޔާބީން، ވެކްސިނެއް އުފެއްދުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ހާމަވެގެންދާ ކަމަށް، ތަޖުރިބާކާރުން ވިދާޅުވެއެވެ.

އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓް ވިދާޅުވީ، ސީއެސްއެލްގެ ވެކްސިން އޯޑަރު ކެންސަލްކުރި ނަމަވެސް، އެގައުމަށް 140 މިލިއަން ޑޯޒްގެ ވެކްސިން ލިބޭނޭ ކަމަށެވެ.

އޮސްޓްރޭލިއާގެ އާބާދީއަކީ 26 މިލިއަން ކަމަށްވާއިރު، އެގައުމު ވެގެންދާނީ އާބާދީގެ ނިސްބަތަށް ބަލާއިރު، އާބާދީގައި ހިމެނޭ މީހުންނަށް ވުރެންވެސް އެތައްގުނަ އިތުރަށް ވެކްސިން ގަންނަ ދުނިޔޭގެ ހަމައެކަނި ގައުމަށް ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.