މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި މަސްވެރީންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވާނޭ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި އެޕާޓީގެ ރައީސް ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި މަސްވެރިންނަށް ދެއްވާ ޔާގީންކަމަކީ ބާނާމަސް ކިރޭނޭގޮތް ހަދައިދިނުމުގެ ޔަގީންކަންކަމަށެވެ. "ހަމައެއާއެކީގައި އެކަށީގެންވާ އަގެއް އެމީހުންނަށް ލިބޭވަރުކޮށްދޭނަން. މަސްވެރީން ކުރާ މަސައްކަތާ އެއްވަރުގެ އަގެއް ލިބޭނޭ ގޮތެއް ހަދާނަން. އެ އަގު ލިބޭނީ މަސްކިރިގެން ކަމަށް އަޅުގަނޑަށް އެނގޭ. މަސްކިރުނީމާ ފައިސާ ދުވަހުން ދުވަހަށް ލިބޭނޭ ވަރު ކުރާނަން އަޅުގަނޑުމެން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަސްވެރީންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމާއި، އެމީހުން އަތުން ރަނގަޅު އަގެއަގައި މަސްގަތުމާއި އެމީހުން ދުރަށް ދަތުރުނުކޮށް މަސްކިރޭނޭގޮތް ގާއިމްކޮށްދިނުމަކީ ހަމަ ޔަގީނުންވެސް ކޮށްދެއްވާނޭ ކަންކަން ކަމަށެވެ. އެއީ މަސްވެރީން އެންމެ ކަންބޮޑުވާ ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށް ދިނުމުން މަސްވެރީންނަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ހައްލުވެގެންދާނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި އަމިއްލައަށް ފެކްޓްރީ ހިންގާމީހުންނަށް ވެސް ލުއިތަކެއްދީ މަހުގެ އަގު ހިފެހެއްޓުމަށް އެމީހުންނަށްވެސް އެހީތެރިވާނޭ ކަމަށެވެ. "އެމީހުންނަށް ބޮޑު އަގުގައި ބިންދީފައި އެމީހުންނަށް ހުރިހާކަމަކުން އުނދަގޫކޮށްފައި، ދެން ބާސްވީސް ރުފިޔާއަށް މަސްކިލޯއެއް ގަންނާށޭ ބުންޏަސް އެމީހުން ނުގަންނާނެ. އެހެންވީމާ މުޅި ނިޒާމަށް ބަދަލެއް ގެންނަންޖެހޭނެ. އެކަން އަޅުގަނޑުމެންކުރާނަން،" ނާޒިމް ވިދާޅުވިއެވެ.