ރާއްޖެއަށް ސުނާމީކާރިސާ ކުރިމަތިވި ދުވަހު އެ ކާރީސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލުނު އެންމެނަށް ވަގުތީ ބޯހިޔާވަހިކަން ކަށަވަރުވަންދެން މަސައްކަތުގައި ހޭލައި އުޅުއްވި ކަމަށް އޭރު ސިފައިންގެ ގޭގައި މަސައްކަތް ކުރެއްވި ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެންވިދާޅުވީ އޭނާ ރައީސްކަން ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާއަކީ މިއަހަރުގެ އެއްބައިވަންތަ ކަމުގެ ދުވަސްފާހަގަ ކުރުމަށް ބޭއްވި ޚާއްސަ ޖަލްސާއެކެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރުވެެސް ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައި، އެމީހުންގެ ހާލު އެންމެ ގާތުން މިއަދުވެސް ބައްލަވާނޭ ކަމަށެވެ. އޭނާ ވިދާޅުވީ ސުނާމީ ކާރިސާއަކީ އެތައް ފިލާވަޅުތަކެއް ބުނެދިން ކަމެއް ކަމަށެވެ. އެފަދަ ކަންކަމުން ސަލާމަތްވުމަށް ކުރިއާލާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަންކަން އެގޮތަށް ކުރުމުގައި ފާއިތުވި ސަރުކާރުތައް ވަނީ ފޭލިވެފައި ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ. އެފަދަ ކާރިސާތަކަށް މީހުން ހޭލުންތެރި ކުރުވައި ސިކުނޑި ތައްޔާރުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި މުޅިރާއްޖެ ހިމެނޭ ގޮތަށް ފުރިހަމަ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް ހައްދަވާނޭޭ ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް އެމައުލޫމާތު ފޯރުކޮށްދީ މިފަދަ ކާރިސާތަކުގައި އަމަލުކުރާނެ ގޮތް ފުރިހަމައަށް އޮޅުންފިލުވައިދެވޭނޭ ނިޒާމެއް ގާއިމްކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. އެމްއެންޕީގެ ސަރުކާރެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ނާޒިމް ވިދާޅުވީ ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު އިންޝުއަރަންސް ނިޒާމެއް ގާއިމްކޮށް، ބިދޭސީން ތިބޭ ގެތަކާއި އެހެން ތަންތަން ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް އިންޝުއަރެންސް އޮނަ ފަދައިން ހުރިހާ އިމާރާތްތަކެއް ހިމެނޭހެން ފުރިހަމަ އިންޝުއަރަންސް ނިޒާމެއް އެމްއެންޕީގެ ސަރުކާރެއްގައި ގާއިމު ކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.