ޕްރޮގްރެސިވް ކްންގްރެސް ކޯލިޝަން އިން މާލޭގައި ރޭ ބޭއްވި މުޒާހަރައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންތެރެއިން ދެ މީހަކު ފިޔަވާ އެންމެން ދޫކޮށްލައިފި ކަމަށް ޕީޕީއެމުން ބުނެފިއެވެ. ރޭގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް 21 މީހަކު ގެންދިޔައެވެ.

މި މުޒާހަރާއަކީ ޕީޕީއެމްގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ދައުލަތުންކުރި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާގެ ކުށް ސާބިތުވެ 11 އަހަރަށް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކެެކެވެ. އެމުޒާހަރާގައި ގޮވާލަމުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނާއިބު ރައީސް އަހުމަދު ސައީދު ވެސް ހިމެނެއެވެ. އެހެންނަމަވެސް ހައްޔަރު ކުރުމަށްފަހު ރޭ ވަަނީ އޭނާ ދޫކޮށްލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން މިހާރު ގެންދަނީ އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔާރު ވަމުންނެވެ. މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަަށް ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.