ރާއްޖޭގެ ސިއްހީދާއިރާގެ އިތުބާރު އާންމުންގެ ކުރިމަތީ ބޮޑުކުރަންޖެހޭ ކަމަށް އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ އެ ދާއިރާގެ އިތުބާރު ބޮޑުވެގެންނޫނީ ރައްޔިތުން ރާއްޖެއިން ބޭސް ނުކުރާނޭ ކަމަށެވެ. އޭނާ ވިދާޅުވީ އާސަންދައިން ވެސް ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ކުރާ ކަމަށެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ރާއްޖޭގައި މިކުރާ ޚަރަދަކީ ދުނީޔޭގެ އެހެން ގައުތަކުގައިވެސް ނުކުރާހާ ބޮޑު ޚަރަދެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. "ޚަރަދު ވެސް ކުރަންވީ އެންމެންނަށް ބޭސްވެސް ކޮށްދޭންވާނެ. އެކަމަކު ހަރުދަނާ އުސޫލެއްގެ ތެރެއިން ޚަރަދުކުޑަކޮށް ކަށަވަރު ކަމާއެކީގައި އެ ޚިދުމަތް ފޯރުކޮށްދީގެން ދާއިމީގޮތެއްގައި ފުރިހަމައަށް އެކަން ކުރެވޭނީ. ފުރިހަމަ ނިޒާމެއްގެ ތެރެއިން ކުރީމާ ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް،" ނާޒިމް ވިދާޅުވިއެވެ.

ބޭސް ފަރުވާއަކީ އަސާސީ ޚިދުމަތެއް ކަމަށާއި ރާއްޖޭގައި ލިބެންހުރި ފަރުވާ އިތުރުކޮށް އެ ފަރުވާ އަވަސްކަމާއެކީ ލިބޭނޭގޮތް ހެދުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޕީގެ ވެރިކަމެއްގައި މިހުރިހާ ޚިދުމަތެއްވެސް ތަރުތީބު ކުރެވިގެން ފުރިހަމައަށް ދިނުމަށް މަސައްކަތް ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމަކީ ރާއްޖޭގެ ސިއްހީދާއިރާގައި ވެސް އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެދުވަސްވަރު ހުރިހާރަށެއްގައި ފާމަސީ ހުޅުވުމާއި ރަށްރަށަށް އެމްބިޔުލާންސް ފޯރުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.