ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ. މި ތަކެއްޗަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ބައެއް ކަމުގައި ފުލުހުން ވިދާޅުވިއެވެ. އަދި މި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިއަދު ނައްތާލާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ނޮވެންބަރު މަހުގެ އަށާރަ ވަނަ ދުވަހާ ހަމައަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނުވަ ދަޅު ބިޔަރާއި 30 ފުޅި ބަނގުރާކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.