ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ރޭ މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައިފިއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ރޭ 20:00 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނަކީ މާލޭ ގެއެއްގައި ބަނގުރާ ކައްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަނުގައި ބައްތިރީސް އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ ތިން ފުޅިއާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 52 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރޭ ހިންގި އޮޕަރޭޝަނަކީ މާލޭގެ ގެއެއްގައި ބަނގުރާ ގެންގުޅޭކަމަށް ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ރޭ 19:36 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެ މީހުންނަކީވެސް ބިދޭސީ ފިރިހެނުންނެވެ. އެ އޮޕަރޭޝަންގައި ހައްޔަރުކުރި ދެ މީހުންނާ ގުޅުންހުރި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 192 ފުޅި ބަނގުރާ އަދި 111 ދަޅު ބިޔަރު ފެނިފައިވެއެވެ.

މި ދެ މައްސަލަވެސް ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުޤީޤް ކުރަމުންނެވެ.