މިއަދު ހެނދުނު 9:30 އާ ހަމައަށް، 10 ޓަނުގެ ކުނި، މާލެ ސިޓީގެ އެކި ސަރަހައްދުތަކުން ނަގާފައިވާ ކަމަށް މާލޭސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މަގުތަކުން ކުނި ނަގައި ސާފުކޮށްފައިވަނީ ވެމްކޯއިން އެ ކުނިތައް ނުނެގުމުން ކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވިއެވެ. ކުނިތައް ވެމްކޯ ސައިޓަށް ގެންގޮސް އުކާލާފައިވަނީ އެ ކުންފުންޏަށް ފައިސާ ވެސް ދީގެން ކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

ވެމްކޯއާއެކު މާލޭސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އައުނުކޮށް ސިޓީކައުންސިލުން ވަނީ މުވައްޒަަފުން ނަގައިގެން އަމިއްލައަށް މާލެއާއި ވިލިމާލޭގެ އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށައިފައެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ގޭގެއިން މަގުތަކަށް ނެރޭ ކުންޏަށް ގޭބިސީތަކުން މަހުންމަހަށް ވެމްކޯއަށް ފައިސާ ދައްކާ ކަަމަށެވެ. އެހެން ކަމުން އެކުނި ވެމްކޯއިން އުކާލަން ޖެހޭނޭ ކަމަށެވެ. އެކުނި ސިޓީކައުންސިލުން އުކާލާ ކަަމަށްވާނަަމަ އިތުރު ފައިސާ ސިޓީކައުންސިލުން ވެމްކޯއަށް ދޭންޖެހޭ ކަމަށެވެ.

މި މައްސަލާގައި ވެމްކޯއިން ބުނެފައިވަނީ ސިޓީކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ހިސާބުން ފެށިގެން އެކުންފުނީން ކުނި ނަގަން ނުޖެހޭނޭ ކަމަށެވެ.