ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މާލެއާއި ބައެއް ރަށްރަށުގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު 4:00 އިން 6:00 އަށް ބޭއްވި މި މުޒާހަރާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓުގެ މެމްބަރުންނާއި ރައީސް ޔާމީނަށް ތާއިދުކުރާ ގިނަ މީހުން ބައިވެރިވެރިވެފައިވެއެވެ.

"ސަބަބުވެރި ހިނގާލުން" ގެ ނަމުގައި ބޭއްވި މި ހަރަކާތަކީ ވ. އާރަށް ކުއްޔަށް ދިނުމަށް ހިންގި މުއާމަލާތުގައި ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އެފައިސާ ލޯންޑަރ ކޮށްފައިވާ ކަމުގެ ކުށް ސާބިތުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމާ ދެކޮޅުހަދައި ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި ހިނގާލުމެކެވެ. ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ.

މިއަދުގެ ހިގާލުމުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދަނީ ރައީސް ޔާމީނުގެ މައްޗަށް ހުކުމް ކޮށްފައިވަނީ އިންޑިއާގެ ނުފޫޒުން ކަމަށެވެ. އެހެން ކަމުން އެއީ "ހަރާމް ހުކުމެއް" ކަމަށް ވެސް އެ ކޯލިޝަނުން އަންނަނީ ބުނަމުންނެވެ.