ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން ރާއްޖެ ޒިޔާރަތްކުރި އެއް ލައްކަ ވަނަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އައި އެއް ލައްކަ ވަނަ ފަތުރުވެރިޔާގެ ޝަރަފް ލިބުނީ ސްވިޒަލޭންޑްގެ ރައްޔިތަކަށެވެ. އެއް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މި ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުޙަބާ ކިޔާފައެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ދުވަހު އެވެ. ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖެ އަށް އެއް ލައްކަ ފަތުރުވެރިން ގެނައުމެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 94،543 ފަތުރުވެރިން އައިސްފައި އެވެ. މި އަދަދާއެކު މުޅި އަހަރު ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ ބުދަ ދުވަހުގެ ނިޔަލަށް 477،390 އެވެ.

އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޖުމްލަ ފަތުރުވެރިންގެ ޢަދަދު 5 ލައްކައަށް އެރުވުމަށެވެ.