ބޮޑުވަޒީރަކީ މަހިންދްރަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ލަންކާ ޕާލިމެންޓުގެ ރައީސް ވިދާޅުވެއްޖެ

0

އަވައްޓެރި ސްރީލަންކާގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބު ކުރި އެގައުމުގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އަކީ އެގައުމުގެ ބޮޑުވަޒީރު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ލަންކާގެ ގާނޫނުހަދާ މަޖީލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

ގާނޫނުހަދާ މަޖިލީހުގެ ރައީސް، ހޯމަދުވަހު ވިދާޅުވެފައިވަނީ، މަހެންދްރައަށް އެމަޖިލީހުގެ އަޣުލަބިއްޔަތު ލިބިވަޑައި ނުގަންނަވާހާ ހިނދަކު، ލަންކާގެ އާބޮޑުވަޒީރަކީ މަހެންދްރަ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

Advertisement

މިކަމާގުޅިގެން، މިއަދު ނެރުނު ބަޔާނުގައި މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ ވިދާޅުވެފައިވަނީ، މަހެންދްރަ މަގާމަށް ގެނައުމަށްޓަކައި ގެނެސްފައި ހުރި ބަދަލުތަކަކީ، ގާނޫނުއަސާސީއާއި އަދި ގައުމުގެ ސަގާފަތާއި ޚިލާފު ކަންތަކެއް ކަމަށް މަޖިލީހުގެ ގިނަ ބަޔަކު ގަބޫލުކުރައްވާ ކަމަށެވެ.

އެހެންކަމުން އެބަދަލުތައް ގެނައުމުގެ ކުރިން،އެމަގާމު އޮތް ގޮތަށް ބަލައިގަތުމަށް އެދި، މަޖިލީހުގެ ރައީސަށް އެމަޖިލީހުގެ ގިނަ މެމްބަރުން ހުށަހަޅުއްވާފައިވާ ކަމަށާއި، އާބޮޑުވަޒީރަކަށް ހުންނެވި މަހިންދްރައަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުހޯއްދެވޭހާ ހިނދަކު އޭނާއަކީ ބޮޑުވަޒީރު ކަމަށް ބަލައި ނުގަނެވޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހެ، މިދިޔަ މަހުގެ 26 ވަނަ ދުވަހު، މަގާމުން ވަކި ކުރައްވައި އެގައުމުގެ ރައީސް މައިތްރިޕާލަ ސިރީސޭނާ ވަނީ، އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް، ހަމަ އެދުވަހު، މަހިންދްރަ އައްޔަން ކުރައްވާފައެވެ.

ރައީސް ސިރީސޭނާ ސަރުކާރަށް ގެންނެވި ބޮޑު ބަދަލާއެކު މުޅި އެގައުމުގައި ސިޔާސީ ހަލަބޮލިކަން އުފެދިގެން ދިޔައެވެ.

އެ ހަލަބޮލިކަމުގެ ތެރޭގައި ސިރީސޭނާ ވަނީ، ގާނޫނުހަދާ މަޖިލީސް ވެސް ވަގުތީ ގޮތުން ސަސްޕެންޑް ކުރައްވައިފައެވެ.

މަޖިލީސް އަލުން ހުޅުވާނެ ތާރީޚެއްކަމަށް ސިރީސޭނާ ނިންމަވާފައި ވަނީ، މިމަހުގެ 14 ވަނަ ދުވަހުއެވެ.

އެއްކޮޅުން، ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރެވުނު ރަނިލް ވިދާޅުވަމުން ގެންދަވަނީ، ގާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ އޮތީ އޭނާއަށް ހަމަށެވެ. އެހެން ކަމުން އެގައުމުގެ ބޮޑުވަޒީރަކީ އަދިވެސް އޭނާ ކަމަށެވެ. އަނެއްކޮޅުން ސިރީސޭނާ ވިދާޅުވެފައިވަނީ، ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް އަނބުރާ ގެނެސްފިނަމަ އެންމެ ގަޑިއިރެއް ވަންދެން ވެސް ރައީސް ކަމުގައި ނުހުންނަވާނޭ ކަމަށެވެ.

Advertisements