ލިބިވަޑައިގެންފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި މިގައުމު ރަނގަޅު މިސްރާބަކަށް ގެންދެވިދާނޭ ކަމަށް އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނަށް ރާއްޖޭގެ ގިނަ މަގާމްތަކެއް ވެސް އަދާކުރެއްވިފައިވާ ކަަމަށެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރުކަމާއި، ސިއްހީދާއިރާ ހިންގުމާއި، މަޖިލިސްމެމްބަރުކަން ހިމެނެއެވެ. އޭގެ އިތުރުން ޑރ. ވަހީދު ސަރުކާރާއި ރައީސް ޔާމީން ސަރުކާރުން އެމަނިކުފާނާ ވަރަށްގިނަ މަސައްކަތްތައް ހަވާލުކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. "އޭގެ ތެރެއިން ވަރަށްގިނަ މަންޒަރުތައް ފެނިއްޖެ،" ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ އެ މަސައްކަތާއި ތަޖުރިބާގެ ތެރެއިން ފެނިވަޑައިގެންނެވި މަންޒަރުން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެކަންކަމުގެ ސަބުން މިރާއްޖެ ހަމަމަގަށް އެޅުވިދާނޭ ކަމަށް ގަބޫލުކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެމަސައްކަތުގައި ހުންނެވީ އެމަނިކުފާނު ގިނިކަންޏާ ނޫންކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. "އަޅުގަނޑަށް ލިބިފައިވާ ތައުލީމާއި އަޅުގަނޑަށް ކުރެއްވިފައިވާ ތަޖުރިބާގެ އަލީގައި މިގައުމު ހަމަ މަގަށް އެޅުވިދާނޭ ކަމަށް އަޅުގަނޑަށް ގަބޫލް ކުރެވިއްޖެ. އަޅުގަނޑާއެކު އެބައޮތް ރަނގަޅު ޓީމެއް. އެޓީމާއެކީގައި މިހާރު މިދާ މިސްރާބަށްވުރެ ބޮޑަށް ރަނގަޅު މިސްރާބަކަށް ރާއްޖެ ގެންދެވިދާނެ،" ނާޒިމް ވިދާޅުވިއެވެ.