އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތުގައި ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ޓެސްޓް ކުރުމަށް އެކުންފުނިން ނިންމައިފިއެވެ.

އެމްޓީސީސީ އިން ވިދާޅުވީ އާރުޓީއެލް ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ކޭޝް ކާޑުން ބަހަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ބާއްވާ ޓެސްޓް ދަތުރުތައް މިއަދާއި މާދަން އޮންނާނެ ކަމަށެވެ.

މި ކުރެވޭ ޓެސްޓް ދަތުރު ތަކުގައި މާލެ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތަށް މާސްޓާ ކާޑު އަދި ވިސާ ކާޑުގެ ކޮންޓެކްޓް ލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.މިހާރު އާރުޓީއެލް ބަހުގެ ހިދުމަތުގައި ފައިސާ ދެއްކެނީ އާރުޓީއެލް އެޕްލިކޭޝަން އާއި ބަސްކާޑު މެދުވެރިކޮށް އެކަންޏެވެ އަދި ބަހަށް ފައިސާ ދެއްކޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބަސް ކާޑު މެދުވެރިކޮށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެންސްޕާ ކާޑުގެ އެހީގައި ހިލޭ ދަތުރުކުރެވޭއިރު ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ބަހުގައި ދަތުރު ކުރެވެއެވެ. އަދި ހަމަ އެއާއެކު 65 އަހަރުން މަތީގެ މީހުންނާއި ތިން އަހަރު ނުފުރޭ ކުޑަކުދިންނަށްވެސް މި ބަސްތަކުގައި ހިލޭ ދަތުރުކުރެވެއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.