މިއަދު މި ފެށުނު އަހަރަކީ، ފައްކާވަމުން އަންނަ ދިވެހި ޑިމޮކްރެސީގެ ސިޔާސީ ޙަޔާތުގައިވެސް މުހިންމު ޙަރަކާތްތަކަކަށް އަލިވިލުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ރައީސް ވިދާޅުވީ ދިވެހިން މިއަދު ތިބީ ޑިމޮކްރެސީގެ ވެސް ހެޔޮ ނުބައި ވަކިވާ މިންވަރަށް ސިޔާސީ ގޮތުން ތަސައްރަފު ފުދިފައި ކަމަށެެ. އެހެންކަމުން ގައުމުގެ އެންމެ މަތީ މަސްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަށް ސިޔާސީ ޙަރަކާތްތައް ހިންގުމަކީ، ކުރިމަގުގެ ޖީލުތަކަށް އަދު ތިބީން ދައްކަން އޮތް އެންމެ ރީތި ނަމޫނާ ކަމަށްވެސް ވިދާުވިއެވެ. ހަމައެފަދައިން ގައުމުގެ ސިޔާސީ އަދި އިޖްތިމާޢީ މިސްރާބު ކަސިޔާރުވިޔަ ނުދިނުމަށްޓަކައި ވެސް، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މަތީ ޒިންމާއަކީ، ޤައުމުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ބުރޫ ނާރާނެ ފަދަ ގޮތަކަށް، ޑިމޮކްރެސީގެ ޙަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް ވެސް ވިދާޅުވވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުދުވަހަކީ ވެސް، ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ ހެޔޮ ނަސީބާއި ތައުފީޤު ލިބެނިވި ދުވަސްތަކެއްކަމުގައި ލެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އެކަމަށް އެދި ﷲ އަށް ދުޢާ ދަންނަވާކަމަށް ވެސް ވިދާޅުވިއެވެ.

އެންމެހައި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި، މުޅި ރާއްޖެއަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.