ނިމިގެން ދިޔަ 2022 ވަަނަ އަހަރުގެ ތެރޭގައިވެސް ދިވެހިރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމަޢުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުވެފައި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މީލާދީ ގޮތުން މި ފެށުނު 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ. ރައީސް ވިދާޅުވީ އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖްތިމާއީ އަދާލަތު ގާއިމްކޮށް އަދުލު އިންސާފު ގާއިމްލުރުމަށް ވެސް މިދިޔަ އަހަރު ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެ މަސައްކަތުގެ ނަތީޖާވެސް ރަނގަޅު ކަމަށް ވިދާޅުވިއެވެ ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި އޭގެ ލާބައާއި މަންފާ އަންނަނީ ރައްޔިތުންނަށް ލިބެމުން ކަމަށް ވެސް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ދަތި ހާލަތުން އަރައިގަތުމަށްފަހު މިއަަދު އަޒުމް ކަނޑައަޅަންވީ ކޯވިޑްގެ ކުރިން އޮތް ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްވަރަށްވުރެ މާ ރަނގަޅު ހާލަތަކަށް ގެންދަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ައުމީ ތަރައްގީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
"ގައުމީ ތަރައްޤީގެ ދުވެލި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްދޭ މައިގަނޑު ބަހާއަކީ، ތަރައްޤީގެ މަސައްކަތްތަކަށް ފަހި މާޙައުލެއް މުޖްތަމަޢުގައި ޤާއިމުވެފައި އޮތުމެވެ. އެފަދަ މާޙައުލެއް ޤާއިމުވަނީ، މުޖްތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެފައި އޮވެގެންނެވެ. އެހެންކަމުން، މި ފެށުނު އައު އަހަރުގެ ޢަޒުމެއްކަމުގައި އަޅުގަނޑުމެން ކޮންމެ މީހަކުމެ ކަނޑައަޅަންވީ، ކޮންމެ ކަމެއްގައި ވެސް، ޞުލްޙަމަސަލަސްކަމާއި ހަމަޖެހުމާއި އެއްބައިވަންތަކަން އިސްކުރުމެވެ. ބައިބައިވުމާއި ދެބަސްވުމާއި ދެކޮޅުވެރިކަމަށް ނޫނެކޭ ބުނުމެވެ. ޚިޔާލު ތަފާތުވުންތަކާ އެކުގައިވެސް، ޤައުމީ މަޞްލަޙަތަށް ބުރޫ އެރިޔަނުދީ، ޞުލްޙައިގެ މަގު އިޚްތިޔާރު ކުރުމެވެ."