މި ފެށުނު 2013 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެން ދާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އައު އަހަރުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އެޕާޓީން ނެރެފައިވާ ކުރު ބަޔާނުގައި ބުނެފައިވަނީ މިއަހަރު ހުރިހާ ރައްޔިތުންވެސް ކަންކަމާ މެދުގައި ވަރަށް ފުންކޮށް ވިސްނަވައި، ނިންމުންތައް ނިންމެވުމުގައި ގައުމުގެ މަސްލަޙަތު އިސްކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އޭގެ އިތުރުން ޒިންމާދާރުކަމާއެކީ އެންމެންވެސް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވާލާ ކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި އެޕާޓީން ވަނީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށް ބުނެފައެވެ. އޭގެ އިތުރުން އެކުވެރި ދައުލަތްތަކާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް އާއަހަރުގެ ތަހުނިޔާ ދަންނަަވާ ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ދުޢާއަކީ، މި ފެށުނު 2023 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީގު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ." އެބަޔަނުގައިވެއެވެ.