އިންޑިއާގެ ސޫރަތު ސިޓީގައި ހަވާލުވާނެ ގަބުރުތަކާ ޙަވާލުވާ ޗެރިޓީގެ އަބުދުލް މަލާބާރީ ވަނީ ކޮރޯނާ ވައިރަސްގެ ޒަމާނުގައި ތަރިއަކަށް ވެފައެވެ. އުމުރުން 51 އަހަރުގެ އަބްދުލް ބުނާ ގޮތުގައި އޭނާއަކީ 21 ގަޑިއިރަށް ހަފްތާގެ ކޮންމެ ދުވަހަކަށްވެސް އޮން ކޯލްގައި ހުންނަ މީހެކެވެ. މީހެއްގެ ޖަނާޒާއަށް ފޯން ކޯލެއް އައުމުން އެހިސާބުން އޭނާއާއި އޭނާގެ ޓީމު ހަރަކާތްތެރިވާން ފަށަނީއެވެ.

ނިކަމެތިންގެ ޖަނާޒާގެ ވެރިޔާ އަބްދުލް މަލަބާރީ

ގުޖުރާތުގެ ސޫރަކަކީ ޑައިމަންޑް ކެނޑުމާއި ފޭރާން ވިއުމުގައި މަޝްހޫރު މުއްސަނދި ސިޓީއެކެވެ. ރަސްމީ ގޮތުން ސޫރަތުގައި ކޮރޯނާއިން މަރުވާ މީހުން ހަވާލުކުރުމަށްވެސް ސިޓީ ސަރުކާރުން ނިންމާފައިވަނީވެސް އަބްދުލް އާއެވެ. އޭނާގެ އެހީތެރިކަމަށް ފުލުހުންނާއި ސިޓީގެ މަސްއޫލުވެރިން ތަޢްރީފް ކުރެއެވެ.

މި ދުވަސްވަރު ކޮރޯނާ ރޯގާއިން އާއިލާތައް ރައްކާތެރިކުރުމަށްޓަކައި އަބްދުލްގެ ސޫރަތު އެކްތާ ޓްރަސްޓްގެ ޓީމު މީހުން ކައި ނިދައި ހަދަނީ ޗެރިޓީގެ އޮފީހުގައެވެ.

އަބްދުލްގެ އާއިލާއަކީ ފޭރާން ވިއުމުގެ މަސައްކަތުގައި އުޅޭ ބައެކެވެ. އެމީހުން ކުރިން އަބްދުލް އާއިލީ މަސައްކަތުން ދުރަށް ދިއުމުން ނުރުހުނެވެ. ނަމަވެސް މިހާރު އެމީހުންވެސް އަބްދުލްއަށް ސަޕޯޓް ކުރެއެވެ.

އަބްދުލް ގޮތް ނޭނގޭ މީހުންގެ ޖަނާޒާގެ ކަންތައްތައް ކުރަން ފެށީ ސިޓީގައި އެހްއައިވީ ޖެހިގެން މަރުވި އަންހެނަކާ ހަވާލުވާނެ މީހަކު ނެތި އެއްމަސްވަންދެން އޭނާ މީޗަރީގައި އޮތުމަށްފަހު އޭނާއާ ހަވާލުވާނެ މީހަކު ހޯދަން ނޫހުގައި ޖެހި ޚަބަރަކަށް ފަހުއެވެ. އަބްދުލް އެމީހާއާ ޙަވާލު ވުމަށްފަހު ހިނވައި ދޭނެ މީހަކު ނުވުމުން އެކަންވެސް ހަތަރު ދަމު އުޅެގެން އަމިއްލައަށް ކުރުމަށްފަހު ވަޅުލީ ކަމުގައި އޭނާ ކިޔައި ދިނެވެ. އެއިރު އޭނާގެ އުމުރަކީ 21 އަހަރެވެ. އެއަށްފަހު ފަސް އެނބުރި ބެލުމެއް ނުވެއެވެ.

އޭނާގެ ޗެރިޓީން ވަކި ދީނަކަށް ނުވަތަ ވަކި ފަންތިއަކަށ ތަފާތެއް ނުކުރެއެވެ. ހިންދީންގެ ޖަނާޒާއާއި އެންދުމުގެ މަސައްކަތް ކުރާ މުސްލިމުންނާއި މުސްލިމުންނަށ ކަށްވަޅު ކޮނެދޭ ހިންދީންވެސް އޭނާގެ ޗެރިޓީގައި ހިމެނެއެވެ. މި ޗެރިޓީިއަށް އެހީވާ 1500 އެއްހާ ފަރާތެއް އުޅޭކަމަށް އަބްދުލް ބުނެއެވެ.