ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ވީސަންގެ، މުޙައްމަދު ނާއިފު (37އ) އެވެ. އަމުރު ނެރެފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓުންނެވެ.

އެ މައްސަލައާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ މުޙައްމަދު ނާއިފު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އެނާ ބަންދުގައި ބަހައްޓައިގެން، މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފައިވަނީ މިއަދުއެވެ.

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެވަޑައިގަންފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.