އިންޑިޔާގެ ޕަންޖާބު ފުލުހުންގެ ސައިބާ ކްރައިމް ޑިވިޝަނުން، ޕަންޖާބުގެ މޯހާލީ ނަމަކަށްކިޔާ ސިޓީއެއްގައި ހިންގަމުންދިޔަ ފޭކް ދެ ކޯލް ސެންޓަރެއް ފަޅާލައި 155 މުވައްޒަފަކު ހައްޔަރުކޮށްފައެވެ.

މިއީ އެމެރިކާގައި ދިރިއުޅޭ މީހުންނަށް އޮޅުވާލައިގެން ކޯލްކޮށް ހަދަން ބޭނުންކުރާ ކޯލްސެންޓަރު ތަކެކެވެ.

އެކްސްގައި ޕަންޖާބުގެ ޑިރެކްޓާ ޖެނެރަލް އޮފް ޕޮލިސް ގޯރަވް ޔާދަވް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ކޯލް ސެންޓަރު ވެސް ހިންގަނީ ގުޖުރާތުގެ ކިންޕިންސް އިން ކަމަށް ބެލެވޭ ކަމަށެވެ.

ގޯރަވް ޔާދަވް ވިދާޅުވީ ފޭކް ކޯލް ސެންޓަރުތައް ރޭގަނޑުގެ ވަގުތުތަކުގައި ހިންގަމުންދާކަން އިބްތިދާއީ ތަހުގީގަށް އެނގިފައިވާ ކަމަށާއި، ޓާގެޓް، އެޕަލް، އެމެޒޯން ފަދަ ތަންތަނުން ގިފްޓް ކާޑު ބޭރުގެ ފަރާތްތަކަށް އޮޅުވާލައިގެން އެމީހުން ލައްވާ ގަންނަކަމަށެވެ. އަދި މި ގިފްޓް ކާޑުތައް ޓީމް މެނޭޖަރަކާ ހިއްސާކޮށް، ކިންގްޕިން ނުވަތަ ވެރިފަރާތުން ރިޑީމް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިޝަނަލް ޑިރެކްޓާ ޖެނެރަލް އޮފް ޕޮލިސް (ސައިބާ ކްރައިމް) ވީ ނީރާޖާ ވިދާޅުވީ މޮހާލީގައި ހިންގާ ފޭކް ކޯލް ސެންޓަރުތަކާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ހޯދީ އިންސްޕެކްޓަރުން ކަމަށްވާ ގަގަންޕްރީތު ސިންގް އާއި ދަލްޖިތު ސިންގާ އެ މީހުންގެ ޓީމުގެ އިތުރުން ސައިބާ ކްރައިމްގެ ޑިޖިޓަލް އިންވެސްޓިގޭޝަން ޓްރެއިނިން އެންޑް އެނަލިސިސް ސެންޓަރު (ޑީއައިޓީއޭސީ) ސައިބަ ކްރައިމް ލެބްގެ ފަންނީ އެހީތެރިކަމާއެކުކަމަށެވެ.

އަދި އެ ތަންތަން ހޯދުމަށްފަހު ފުލުހުންގެ ޓީމުތަކުން އެ ދެ ކޯލް ސެންޓަރު ބަލައި ފާސްކޮށް އެތަނުގައި މަސައްކަތް ކުރާ 155 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށް ނީރާޖާ ވިދާޅުވިއެވެ. ނަމަވެސް އެ ދެ ކިންގްޕިން ވެސް ފިލައިގެން އުޅޭ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުންގެ ޓީމުތަކުން ކުރަމުން އަންނަ ކަމަށް ނީރާޖާ ވިދާޅުވިއެވެ. ނީރާޖާ ވިދާޅުވީ ހައްޔަރުކުރި 155 މުވައްޒަފުންގެ ތެރެއިން 18 މުވައްޒަފަކު ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ކަމަށާއި ބާކީ ތިބި މުވައްޒަފުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޮނުވާފައިވާ ކަމަށެވެ.