ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ކުރަމުންދާ އިހުތިޖާޖުގެތެރެއިން އެ ކޯލިޝަންގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލާއި، ހެންވޭރު ސްޓިއަރިންގ ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީ ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއެކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެމީހުން ވަގުތުން ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީ އިން ގޮވާލައިފިއެވެ.

އެ މީހުން ހައްޔަރު ކުރުމަށްފަހު އެއްވެސް އަސާސެއް ނެތް ގޮތެއްގައި ދޮގު ބަޔާންތަކެއްގެ މައްޗަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބާފައިވާ ކަމަށް ވެސް ކޯލިޝަަނުން ބުނެފައިވެއެވެ. އެއީ ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމުގައި ދެކޭކަމަށް ވެސް އެ ކޯލިޝަނުން ބުނެފައިވެއެވެ.

މި މުޒާހަރާތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ ސުކަހަވެރި އެއްވުންތަކުގައި އެ ގޮތަށް ފުލުހުންގެ ޚިދުމަތުން އަމަލުކުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ދިވެހި ރައްޔިތުން މާލޭގެ މަގުތަކަށް އެއްވެ އަޑު އުފުލަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި އެއްވެ އުޅުމުގެ ޙައްޤު ގެ އިންތަކުގެ ތެރެއިން ކަމަށް ވެސް ބުނެފައިވެއެވެ. "އެހެންނަމަވެސް އެއްވެ ތިބޭ މީހުންނާއި ދިމާއަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފަ ވަނުމާއި ފަހަތުން ދުވެ ގޮސް ސުލްޙަވެރިކަމާއެކު މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައިގަނެ އަނިޔާ ދެމުންދާކަން ފާހަގަ ކުރަމެވެ. އަދި މިފަދަ ލާ އިންސާނީ ޢަމަލުތައް ހިންގާ ފުލުހުންނާމެދު އެއްވެސް މުއައްސަސާ އަކުން ފިޔަވަޅެއް ނާޅާތީއާއި ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފަދަ މުއައްސަސާތަކުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ." ކޯލިޝަނުން ބުނެފައިވެއެވެ.

އެހެންކަމުން އިބްރާހީމް ޒަމީލް (ޒަމްޕެ) އާއި ޢަބްދުﷲ ޢަދްލީ އެއްވެސް ޝުރަތެއް ނެތި މިހާރުން މިހާރަށް ދޫކޮށްލުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. އެ ކަންކަން ހިޔުމަންރައިޓްސސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ މުއައްސަސާތަކުން ގާތުން ބައްލަވާ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ، އެބޭފުޅުންނާއި ޤާނޫނުން ޙަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރެއްވުމަށް ވެސް ގޮވާލައިފައިވެއެވެ.