ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ހަފްތާގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ސޮއި ކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އެކްލަބާ ގުޅުމަށް ރޭ ސައުދީއަށް ދިޔުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑާ ޖެހުނު މައްސަލަތަކަކަށްފަހު ރޮނާލްޑޯގެ ކޮންޓްރެކްޓް މެން.ޔުނައިޓެޑުން އުވާލުމުންް ދުނިޔޭގެ އެންމެ މުުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލް ނަސްރަށް ރޮނާލްޑޯ ސޮއި ކުރީ ދެއަހަރަށެވެ. މުސާރައަކީ އަހަރަކަށް 200 މިލިޔަން ޑޮލަރެވެ.

ރޮނާލްޑޯ ރޭ ސައުދީއަށް ދިޔައީ އަމިއްލަ ޖެޓުގައި އާއިލާއާއެކުއެވެ. ރިޔާދުގެ އެއާޕޯޓުން ރޮނާލްޑޯއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުން އޮންނާނީ އަލް ނަސްރުގެ މަރްސޫލް ޕާކް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ.

ސައުދީގެ މަގެއްގައި ރޮނާލްޑޯގެ ބިލްބޯޑެއް ބަހައްޓާފައި. ފޮޓޯ؛ އޭއެފްޕީ

އަލް ނަސްރުގެ މަސްއޫލުވެރިންނާއި ހަވާލާދީ ސައުދީގެ ނޫސްތަކުން ބުނެފައި ވަނީ ރޮނާލްޑޯއަށް މަރުހަބާ ކިޔުމަށް ބާއްވާ އިވެންޓަށް ސަޕޯޓަރުން ދަނޑަށް ވަދެ ދަނޑު ފުރާލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. މިދަނޑަށް ވަދެވެނީ 25،000 ސަޕޯޓަރުންނަށެވެ.

2009 ވަނަ އަހަރު މެން.ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވުމަށްފަހު ސަޕޯޓަރުންނަށް އޭނާ ދައްކާލުމަށް ބޭއްވި ހަފްލާއަކީ މިހާތަނަށް އެންމެ ގިނަބަޔަކު ކުޅުންތެރިޔަކަށް މަރުހަބާ ކިޔުމަށް ދަނޑަށް ވަން ހަފްލާކަން ފާހަގަ ކޮށްލެވެއެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުމަށްފަހު ސެންތިއާގޯ ބެރްނަބާއޫ ސްޓޭޑިއަމްގައި ބޭއްވި މިހަފްލާއަށް 80،000 ސަޕޯޓަރުން ދަނޑަށް ވަނެވެ. އޭގެ ކުރިން މިރެކޯޑް އޮތީ އާޖެންޓީނާފެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އަތުގައެވެ. ނަޕޯލީގެ ކުޅުންތެރިއެއްގެ ގޮތުގައި މަރަޑޯނާ ދައްކާލުމުގެ ހަފްލާއަށް ނަޕޯލީގެ ދަނޑަށް 75000 ސަޕޯޓަރުން ދަނޑަށް ވަނެވެ.