ތެޔޮބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން ގދ. ތިނަދޫ މާނަރު، މުހައްމަދު ނިޒާމް ފެނިއްޖެ ކަމަށް ފުލުހުން ވިދާުވެއްހެއެވެ، ފުލުހުން ވިދާޅުވީ އުމަރުން 45 އަހަރުގެ ނިޒާމް ފެނިފައިވަނީ މާލޭ ގެސްޓްހައުސްއަކުން މިއަދު ކަމަށެވެ.

ފުލުހުން ވިދާޅުވީ ކޯޓު އަމުރެެއްގެ ދަށުން މިހާރުވަނީ އޭނާ ހައްޔަރު ކޮށްފައި ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވޭ މަރުގެ މައްސަލައެއްގައި ކަމަށެވެ.

ނިޒާމާއެކު ބަނގްލަދޭޝްގެ ރައްޔޮތެއް ކަމަށްވާ މުހައްމަދު ލިޓަން ވެސް ތެޔޮބޯޓުގައި ފުރިއެވެ. އެމީހުން ތެޔޮބޯޓުގައި ފުރީ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ހުޅުމާލެއިންނެވެ. އެހެންނަމަވެސް 29 ވަނަ ދުވަހު އެމީހުން ގެއްލިގެން ފުލުހަށް ރިޕޯޓު ކޮށްފައިވެއެވެ. ހަަމަ އެދުވަހު އެމީހުން ދަތުރުކުރި ބޯޓު ހުޅުމާލޭ ކައިރިން ވަނީ ފެނިފައެވެ. އެހެނަސް މީހުން ނުފެނެއެވެ.

އިއްޔެއިން ފެށިގެން ނިޒާމް މާލެތެރެއިން ފެންނަ ކަމަށް އަޑުތައް އިވެމުންދިޔައެވެ. މިއަދާ ހަމައަށް ފުލުހުން އެއަށް އެއްޗެއް ވިދާޅުނުވެއެވެ. އެހެންނަމަވެސް އޭނާ ގެސްޓްހައުސްއަކުން ހައްޔަރު ކުރިކަން މިއަދުވަނީ ވިދާޅުވިއެވެ. ނިޒާމުގެ މައްޗަށް މަރުގެ ތުހުމަތެއް ކުރިޔަސް އެއާ ބެހޭ އިތުރު މައުލޫމާތު ފުލުހުން ނުދެއެވެ. ނިޒާމް ފެނުނަސް މުހައްމަދު ލިޓަންގެ ޚަބަރެއް އަދި ނުވެއެވެ.