ބިދޭސީ ސިފައިންގެ ނުރައްކަލުން މި ގައުމު ސަލާމަތްކޮށް، ރާއްޖެ މުޅިން އައު މިސްރާބަކަށް ގެންދިއުމުގެ ދަތުރު މިހާރުވަނީ ފެށިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ އޭނާގެ ރިޔާސީ ކެންޕޭން ޕްލޭން ކުރުމަށް އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހުގައެވެ.

އުމަރު ނަސީރަކީ މިއަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނޭކަން އިއުލާން ކުރައްވާފައިވާ ބޭފުޅެކެވެ. ކެންޕޭން ޕްލޭން ކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު އުމަރު ވިދާޅުވީ ބިދޭސީ ސިފައިންގެ ނުރައްކަލުން މި ގައުމު ސަލާމަތް ކުރުމުގެ އިތުރުން، ޑްރަގާއި، ގޭންގް ތަކުގެ ނުރައްކަލުން ވެސް މި ޤައުމު ސަލާމަތް ކުރުމުގެ ދަތުރުވެސް "މިވަނީ އިރާދަ ކުރެއްވިއްޔާ ފެށިފައި،" ކަމަށެވެ.

ބިދޭސީ ސިފައިން ކަމަށް އުމަރު އެވިދާޅުވަނީ ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިންގެ ވާހަކަ ކަމަށް ބެލެވިދާނެއެވެ. އެހެން ނަމަވެސް އެ ވިދާޅުވި ބިދޭސީން ސިފައިންނަކީ ކޮންގައުމެއްގެ މީހުން ކަމެެއް ވިދާޅުވެފައެއް ނުވެއެވެ. ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ތިބުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް އުމަރު ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެން ކަމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވެސް ފައިބައިގެން ދިއޔމަށް އޭނާ ގެންދަވަނީ ކެނޑި ނޭޅި ގޮވައިލައްވަމުންނެވެ.