ގއ. ދެއްވަދޫއިން މަހަށް ނުކުމެ އުޅުނު ދޯންޏަކުން އެންދަމަން މޫދަށް ފޭބި މީހުންގެ ތެރެއިން މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

އޭމީހާ މޫދަށް ފުންމާލި ގޮތަށް ޚަބަރެއް ނުވެގެން މިއަދު ހެނދުނު 8:30 އެހައިކަންހާރު ވަނީ ފުލުހަށް ރިޕޯޓުކޮށްފައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމީހާ ފެނިފައިވަނީ ދެއްވަދުއާ މޭލެއްހައި ބޭރުން ކަނޑުމަތީން ކަމަށެވެ. އެ މީހާ ފެނިގެން ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. "ސިއްހީމަރުކަޒަށް އެމީހާ ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް ސިއްހީމަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ވިދާޅުވިއެވެެ.

ނިޔާވެފައިވަނީ އުމުރުން 56 އަހަރުގެެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިކަމާ ގުޅިގެން ބލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ގެއްލިގެން ހޯދަމުން ދިޔައީ "މަސްކުރަނގި" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިއެއް ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނިފައިވާނީ މިއަދު ހެނދުނު 10:37 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ފެނިފައިވަނީ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ދެއްވަދޫ ލޯންޗަކަށް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހަށިގަނޑު ފެނިފައިވަނީ ގއ.ވިލިގަލާގެ ދެކުނުން 1.5 ނޯޓިލް މޭލު ބޭރުން ފެންމަތީގައި އޮށްވައެވެ.

ދެއްވަދޫ ސިއްޙީ މަރުކަޒަށް އޭނާގެ ހަށިގަނޑު ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަން އިންނެވެ.