ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށްފަހު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ޖަލަށް ދާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ރޭ ގެނެސްދިން "ތަރާދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންބިލަތް ވިދާޅުވީ އުމަރު ތައްޔާރުވެވަޑައިގަންނަވަންވީ 2023 ގެ ރިޔާސީ އިންތިޚާބަށް ނޫން ކަމަށާއި ތައްޔާރުވެވަޑައިގަންނަވަންވީ ޖަލަށް ދިޔުމަށް ކަމަށެވެ. ސަބަބަކީ ރައީސް ޔާމީނެކޭ އެއްފަދައިން އޭނާ އަކީ ވެސް ހަތެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިއަކަށްވާތީ ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.
"... އަދި އެއްބޭފުޅަކު އެބަ ހުންނެވި. އެބޭފުޅާ ވެސް ތައްޔާރުވާންޖެހޭ. ވެރިކަމަކަށް ނޫން. ގޮޅިއަށް. އެއީ އުމަރު ނަސީރު،" ދޮންބިލަތް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހިވަޑައިގަތީ ހަތެއް ފެބްރުއަރީގައި ބަޣާވާތް ކުރެއްވުމުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ތިއްބެވި ފަނޑިޔާރުންނާއި އިސް ފުލުހުންނަކީ ވެސް ބަޣާވާތުގެ ބައިވެރިން ކަމަށާއި ރައީސް ޔާމީން އެންގެވިހާ ގޮތަކަށް އެބޭފުޅުން ކަންތައްތައް ކުރެއްވީ "ބްލެކް މެއިލްވެފައި" ތިއްބެވުމުން ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.
"ދެން ޔާމީނަށް ލިބުނީ އެ ލިބުނު ބްލެކް މެއިލްގެ އެޑްވާންޓޭޖްގައި ހިތުހުރިގޮތަކަށް މި ރާއްޖެ ހިންގުމުގެ ބާރު. ލިބުނީމާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެއޮއް ތޫނު މީހާ ނުބައިމަގަށް ދާން ފުރުސަތު ލިބުނީ. ރައްޔިތުންގެ މަޖިލީސް ރަބަރު ސްޓޭމްޕަކަށް ވެއްޖެ،" ދޮން ބިލަތް ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ސުޕްރީމް ކޯޓުން ކަމަށާއި އެކަމުގެ "އާރުކާޓީންގެ ގޮތުގައި" ތިއްބެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.