އަންނަ ރަމަޟާން މަހަށް މާލޭސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދަން ޓެލްތޯނެއް ބާއްވަން މާލޭސިޓީ ކައުންސިލުން ނިންމައިފިއެވެ. ސިޓީކައުންސިލުން ވިދާޅުވެފައިވަނީ ޓެލެތޯން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިސްކިތްތައް ބަލަހައްތަން ސަރުކާރުން ކައުންސިލާ ހަވާލުކުރީ އެއްވެސް ބަޖެޓެއް ނުދީ ކަމަށެވެ. ނަމަވެެސް މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއްކަތައް ކަމަށްވުމުން އެކަމަށް ބޭނުންވާ ފައިސާ ހޯދަން މިފަދަ ހަރަކާތެއް ބާއްވަން ނިންމެވީ ކަމަށް ކައުންސިލްގެ ވެބްސައިޓުގައި ވިދާޅުވެފައިވެއެވެ.

"އެހެން ކަމުން އެތަންތަނުގެ މެއިންޓެއިން މަސައްކަތްތަކާއި، މަރާމާތުތަކަށް ބޮޑެތި ހޭދައެއް ކުރަންޖެހޭއިރު، ކައުންސިލުގެ ބަޖެޓުން މިކަން އެންމެ އެދެވޭ ގޮތަށް ނުކުރެވެއެވެ. އަދި ޓެލެތޯންގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެއެވެ. ޓެލެތޯން ބާއްވަން ނިންމީ އާންމުން އަދި ވިޔަފާރިވެރިންގެ އެހީއާ އެކު މިސކިތްތައް މަރާމާތުކޮށް ބެލެހެއްޓުމައްޓަކައެވެ."

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދާ ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.