އެއްވެސް މީހެއްގެ އަޅަކަށްވެވަޑައި ނުގަންނަވާނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައިހަރުގޭގައި ރޭ ބޭއްވި ރިޔާސީ ޕްރައިމަރީގެ ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް މަޝްވަރާ އެރުވަންވީކަމަށެވެ. ވާހަކަތައް ވެސް ހިއްސާ ކުރަންވީކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ އަޅަކަށް ނުވާނޭ ކަމަށެވެ.

"އައަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށްނުވާނެ. މަޝްވަރާ ދެއްވަންވީ ވާހަކަތައް ހިއްސާކުރަންވީ އަޅުގަނޑުކަންތައްތައް ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެފައިދާވާގޮތަށް،" ރައީސް ވިދާޅުވިއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އަބަދުވެސް އެންމެންގެ އަޑު އައްސަވާނޭ ކަމަށެވެ. އެހެނަސް ކަންކަން ނިންމަވަނީ ކެބިނެޓާއި، މަޖިލީސް މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންގެ އަޑު އައްސަވައިގެން އެންމެންނަށް ފައިދާވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ. ރިޔާސީ ދައުރުގެ ކުރިއަށްއޮތްތާގައިވެސް މީހުންގެ އަޑުއެއްސެވުމާއި އަޅަކަށްނުވުމާއި މިދެކަން ދޫނުކުރައްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެމްބަރުން ހޮވާ ކެންޑިޑޭޓު ވާންޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް ކަމަށެވެ. 2008، 2013، 2018 ގެ ރިޔާސީން އިންތިޚާބުގެ ތަޖުރިބާއަށް ބަލައި ކަންކަން ނިންމަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ ތަޖުރިބާތަކުގެ އަލީގައި ނިކުމެ ހުންނެވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ކުރިމައްޗަށް ނިކުމެ 6 އިންތިޚާބެއް ކާމިޔާބު ކުރައްވައިފި ކަމަށާއި ރިޔާސީ އިންތިޚާބު ވެސް ބޮޑުތަނުން ކާމިޔާބު ކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިންތިޚާބުތައް ކާމިޔާބުކުރެއްވޭނޭ ފޯމިޔުލާ ވެސް ދެނެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.