ރ. އަތޮޅު އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ބޭނުންވެފައިވާކަމަށް އަރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު ދަންނަވައިފިއެވެ. ރައީސަށް މިވާހަކަ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެރަަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކައުންސިލާއި އ.ތ.މ ކޮމިޓީއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެރަށަށް ބޭނުންވާ އެހެން ކަންކަން ވެސް ރައީސަށް ދަންނަވައިފިއެވެ. އޭގެތެރޭގައި އަލިފުށީގެ އިރުމަތި ފަރާތު ބަނދަރު މަރާމާތު ކުރުމާއި، ސިނާޢީ ސަރަހައްދަށް ބިން އިތުރު ކުރުމާއި، އިޖުތިމާއީ މަރުކަޒެއް އެޅުމާއި އަދި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެއާޕޯޓުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތްތައް ފަދަ ގިނަ މަޝްރޫއުތައް ހިނގަމުންދާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މިބައްދަލުވުމުގައި އަލިފުށީ އ.ތ.މ ކޮމިޓީގެ ފަރާތުން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމްކުރަން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ، މިފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އަލިފުށްޓަށް ނާންނަހައި ބޮޑު ތަރައްޤީއެއް މިދައުރުގައި އައިސްފައިވާކަމަށް ވިދާޅުވެފައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސް ވަނީ އަލިފުށީގައި ސަރުކާރުން އިމާރާތްކުރައްވާ އައު ހޮސްޕިޓަލަށް ބޭނުންވާ ފަންޑް ހަމަޖެހިފައިވާކަން ހާމަކުރައްވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިމިގެން ދިޔުމަށްފަހުގައި ދެން އެންމެ ބޮޑުކަމަކަށް އޮންނާނީ ޒަމާނީ ފެންވަރަށް ރަށްރަށުގެ މަގުތައް ހެދުންކަމަށެވެ. އަދި އެއީ ރަށްރަށުގެ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަލިފުށީގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކުރައްވައި ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.