ފުވައްމުލައް ސީޓީގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުންއަންނަ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނީން ބުނީ އެ މަސައްކަތުގެ 77 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ އިތުރުން ތާރު އެޅުމުގެ މަސައްކަތުގެ 40 އިންސައްތަ ވެސް ވަނީ ނިމިފައި ކަމަށް ބުނެފައިވެއެވެ. މަސައްކަތް ކުރަމުންގެންދަނީ ވީހާ ވެސް އަވަހަކަށް މަސައްކަތް އެއްކޮށް ނިންމުމަށް ކަމަށް ވެސް ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ސަރުކާރުން 331.05 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ.