ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން މާލޭގައި މިރޭ ބޭއްވި މުޒާހަރާއިން ފަސް މީހަކު ހައްޔަރުކޮށްފި ކަމަށް ޕީޕީއެމުން ބުނެފިއެވެ. އެޕާޓީން ބުނީ މި މުޒާހަރާ ފަށާފައިވަނީ ޗާންދަނީ މަގު ސަރަހައްދުން ކަމަށެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި މުޒާހަރާތަކަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑަރ ކޮށްފައިވާ ކަމުގެ ކުށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވުމުން ކުރައްވާ ފައިވާ 11 އަހަރުގެ ޖަލު ހުކުމުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ ތަކެކެވެ.
ޕީޕީއެމް/ޕީއެންސީން ބުނަމުން ގެންދަނީ ރައީސް ޔާމީނަށް ކުރައްވާފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ "ހަރާމް ހުކުމެއް" ކަމަށެވެ. ރައީސް ޔާމީނަސް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2022 ވަނަ އަހަރުު ޑިސެންބަރު 25 ވަނަ ދުވަހުއެވެ. އެފަހުން އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ މުޒާހަރާ ކުރަމުންނެވެ.
މިރޭގެ މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީނުގެ ސަޕޯޓަރުން ބައިވެރިވިއެވެ.