ސިޔާސީ މީހަކަށް ބަދަލުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ޑިފެންސް މިނިސްޓަރުކަން ހުށަހެޅުއްވި ހިސާބުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ޑރ. ވަހީދު ޑިފެންސް މިނިސްޓަރުކަން ހުށަހެޅުއްވުުމުގެ ކުރީން ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އެހެންނަމަވެެސް އޭރުވެސް ސިޔާސީ ބޭފުޅުން ކޮންމެވެސް ވަރަކަށް ބައްދަލު ކުރައްވައި ހައްދަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިފައިންގެއިން ރިޓަޔަރ ކުރެއްވުމަށްފަހު މަޑުން ހުންނަވަނިކޮށް މަޝްހޫރު ފެބުރުވަރީ ހަތެއް ލައިގަތް ކަމަށެވެ. އެދުވަހު އެތަނަށް ވަޑައިގެންނެވީ ކުރީގެ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ވިސްނާއިރު އެތާގައި ހިނގަމުންދިޔައީ ގަބޫލުކުރެވޭ ކަންކަމަށް ނުވާތީ ކަމަށެވެ. "ފެބުރުވަރީ ހަތެއްގައި އެތަނަށް ދާންޖެހުނީ އަޅުގަނޑަށްވެސް ގަބޫލު ނުކުރެވޭކަންކަން އެތާގައި ހިނގަމުންދާތީ. އެދުވަހަށްފަހު ރައީސް ވަހީދަށް ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އަޅުގަނޑަށް ހުށަހަޅުއްވަނީ ޑިފެންސް މިނިސްޓަރުކަން. އަޅުގަނޑު ދެންނެވިން ގަބޫލޭ. އެހިސާބުން އަޅުގަނޑު ސިޔާސީ މީހަކަށް ބަދަލުވީ. އޭގެ ކުރިން އަޅުގަނޑަކީ ސިޔާސީ މީހެއްނޫން. އޭގެ ކުރިން ސިޔާސީ ވިސްނުމެއް ނުވެސް ގެންގުޅެން. ވަޒީފާއިން ވަކިކޮށްފައިހުރި އަހަރެއްހާ ދުވަސްތެރޭގައި ސިޔާސީ ބައްދަލުވުންތަކަށް ވެސް ނުދަން. ސިޔާސީ މީހަކާ ގުޅިގެން އެއްވެސް ކަމެއް ނުވެސްކުރަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރު ސިޔާސީ ވުމަށްފަހު ޕާޓީއެއް ހައްދަވައިގެން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އެހެން ޕާޓީއަކާއެކު މަސައްކަތްކޮށްގެން އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރެވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.