ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ރ. އަތޮޅު އަލިފުށްޓަށް ކުރެއްވި ދެދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދުވަހާގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެއްވާ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނޭ ކަމަށެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، އަލިފުށީ ސްކޫލުގައި ސަރުކާރުން އިމާރަތްކޮށްދެއްވި މަލްޓިޕަރޕަސް ހޯލްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރ. އަލިފުށީ ކައުންސިލާ އަދި ރ. އަތޮޅު ކައުންސިލާ ވަކިން ބައްދަލުކުރައްވައި، ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމާއި ގުޅޭ ގޮތުން އެ ކައުންސިލްތަކާއި އެކު މަޝްވަރާކުރެއްވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.