އިރާދަ ކުރެއްވިޔާ ރާއްޖޭގެ ވެރިކަން ކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު، ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރު ދޮންބިލެތް އަހުމަދު ހަލީމަށް ރައްދު ދެއްވައިފިއެވެ.

ޢުމަރު ދޮންބިލެތަށް ރައްދު ދެއްވީ ޓީވީ ޕްރޮގްރާމެއްގައި ދޮންބިލެތް ވާހަކަ ދައްކަވަމުން ރައީސް ނަޝީދަށްފަހު ޢުމަރު ވެސް ޖަލަށް ވަންނަން ތައްޔާރު ވުމަށް ވިދާޅުވުމުންނެވެ.

"އަޅުގަނޑު ދޮންބިލެތް އަހުމަދު ހަލީމަށް ދަންނަވާލަން ބޭނުންވަނީ ﷲ އިރާދަ ކުރެއްވިއްޔާ މިރާއްޖޭގެ ވެރިކަން އަޅުގަނޑު ކުރާނަން. ވެރިކަމަކީ ﷲ ދެއްވާ މީހަކަށް ލިބޭ ކަމެއް. އެއްވެސް މީހަކު ބޮޑާވާން ޖެހޭނެ ކަމެއްނޫން. ވެރިކަން ލިބުނީމައި އޮންނާނީ ﷲ އަށް ހަމްދުކޮށް ރައްޔިތުންނަށް އޯގާތެރި ކަމާއެކު އިންސާފުން ޚިދުމަތް ކޮށްދިނުން. އަޅުގަނޑު އެކަންކުރާނަން،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނާއި އެމްޑީޕީން ވެސް ވަނީ އޭނާ ޖަލަށް ލުމަށް ނުވަތަ ގޮޅިއަކަށް ފެއްތުމަށް މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ. އެގޮތުން ހަރުގަނޑުގެ މައްސަލައާއި މިނިވަން 50 ގެ މައްސަލައިގައި ވެސް އޭނާ ގޮޅިއަށް ވައްދަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑު މިހުރީ ރައީސް ޔާމީނާއި އެމްޑީޕީން ޖެހި ދަންތުރަތަކުން ސަލާމަތްވެގެން ނުކުމެ. ފަސް އަހަރު ވެގެންދިޔައިރު ވެސް އެއިން އެއްވެސް މައްސަލައެއް ސާބިތެއް ނުކޮށްދެވުނު. ﷲ ސަލާމަތް ކުރައްވައިފި އަޅަކާމެދު ދެންތިބި ބަޔަކު ކޮންމެ ގޮތަކަށް ކަންކަން ކުރަން އުޅުނަސް ކުރެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑު އުންމީދު ކުރަނީ ދޮންބިލެތް އަހުމަދު ހަލީމު ވެސް އިސްލާހުވި ގޮތަށް ތާއަބަދު އެގޮތަށް ހުރުން. ދެންތިބި މީހުން ވެސް އިސްލާހު ވުމަކީ އަޅުގަނޑު އެދޭގޮތް،" ޢުމަރު ވިދާޅުވިއެވެ.