މާލޭ ސިޓީގެ މިސްކިއްތަކުގެ މަރާމާތަށް ފައިސާ ހޯދުމަށް ސިޓީ ކައުންސިލުން ފެށި ޓެލެތޯން "ޗާލު މިސްކިތް" ހަރަކާތުގެ ފުރަތަމަ ދުވަހުން ވެސް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ އިއްޔެ ބޭއްވި ހަރަކާތުން ޖުމްލަ 313,397.90 ރުފިޔާ ލިބިފައިވާ ކަމަށެވެ.

އިވެންޓުގެ ތެރެއިން ފައިސާ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ފަންޑު ފޮށިތަކުގެ އިތުރުން އޮންލައިން ޓްރާންސްފާ ހެދޭނެެއެވެ. އޭގެއިތުރުން ސިޓީ ކައުންސިލްގެ ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް ވެސް ފައިސާ ހަދިޔާ ކުރެވޭނެއެވެ. މާލޭގެ މިސްކިތްތައް ބަލަހައްޓަން ސިޓީކައުންސިލާ ހަވާލުކޮށްފައިވަނީ އެއްވެސް ވަރެއްގެ ބަޖެޓެއް ނުދީ ކަމަށް ސިޓީކައުންސިލުންް ވިދާޅުވެފައިވެއެވެ.

މި އިވެންޓު ފެއްޓުމުގެ ގޮތުން އިއްޔެ އާޓިފިޝަލް ބީޗުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ބަޖެޓުގެ ގޮތުގައި ކައުންސިލަށް ދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެހެންނަމަވެސް މާލޭގެ މިސްކިއްތައް މަރާމާތު ކުރުމަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.