ފްރާންސްގެ ކޯޗުގެ މަގާމުގައި ޑިޑިއެ ޑޯޝެމްޕްސް، 2026 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ނިޔަލަށް ބެހެއްޓުމަށް ނިންމައި މިއަދު ކޮންޓްރެކްޓް އާކޮށްފިއެވެ.
"ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނާއި ފެޑެރޭޝަނުގެ ރައީސް ނޮއެލް ލެ ގްރައެޓް އުފަލާއެކު އިއުލާން ކުރަނީ ޑިޑިއެ ޑޯޝެމްޕްސް 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމީ ޓީމުގެ ކޮންޓްރެކްޓް އާކޮށްފިކަން" މިއަދު ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޑޯޝެމްޕްސް، ފްރާންސް ގައުމީ ޓީމުގެ ކޮންޓްރެކްޓް އާކޮށްފައި މިވަނީ އޭނާގެ ބަދަލުގައި ކުރީގެ އެއްވަނަ މިޑްފީލްޑަރު ޒައިނުއްދީން ޒިދާނާ ގައުމީ ޓީމް ހަވާލް ކުރަން އުޅޭ ކަމުގެ އަޑުތައް ކޮންމެވެސް ވަރަކަށް ފެތުރިފައި ވަނިކޮށެވެ.
ޑޯޝެމްޕްސްއާ ފްރާންސް ގައުމީ ޓީމު ހަވާލު ކުރީ 2012 ވަނަ އަހަރުގެ ޔޫރޯގައި ލޯރެންޓް ބްލެންކްގެ އިރުޝާދުގެ ދަށުން ލިބުނު ނާކާމިޔާބީގެ ސަބަބުންނެވެ. ޑޯޝެމްޕުގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވަރލްޑް ކަޕާއި 2021 ވަނަ އަހަރުގެ ޔޫރޯ ފްރާންސުން ކާމިޔާބު ކުރިއެވެ. އަދި 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުންނާއި މިދިޔަ އަހަރު އޮތް ވަރލްޑް ކަޕް ފައިނަލުގައި ބަލިވީއެވެ.
ޑޯޝެމްޕްސްއަކީ 1998 ވަނަ އަހަރު ފްރާންސުން ވަރލްޑް ކަޕް ކާމިޔާބު ކުރިއިރު އެޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާކަން ފާހަގަ ކޮށްލެވެއެވެ.