މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ "ޗާލު މިސްކިތް" ހަރަކާތުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދެ ދުވަސްތެރޭގައި ލިބިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެެއެވެ.

މިއީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ 1 މިލިއަން ރުފިޔާގެ ބަޖެޓް އަކީ މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް އެކަށީގެންވާ އަދަދެއް ކަމުގައި ނުވުމުން މި އަހަރުގެ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް ހިންގި ހަރަކާތެކެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުން 744713.90 ރުފިޔާ ލިބިފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

މި ހަރަކާތްކުރިއަށް ގެންދިޔައީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު 313397.90 ރުފިޔާ ވަނީ ލިބިފައެވެ. މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލްއާއި ސަރުކާރުން ހަވާލުކުރީ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާއި ނުލައި ކަމަށް މާލޭގެ މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑީއާ ގްރޫޕުގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން މޭޔަރު ވިދާޅުވީ 2021 އަދި 2022 ވަނަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެންމެ 1 މިލިއަން ރުފިޔާ ކަމަށާއި އޭގެ ބޭރުން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މާލެ ސިޓީ ކައުންސިލުން މިސްކިތްތައް މަރާމާތު ކުރުމަށް ޚަރަދުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރައްވަމުން މޭޔަރު އިތުރަށް ވިދާޅުވީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި ހުރި ކަމަށެވެ. އެ މަރާމާތްތައް ކުރުމަށް 9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.އެ 9 މިލިއަން ޚަރަދު ވާނީ ކޮންކޮން މަރާމާތްތަކަކަށް ކަން މޭޔަރު ވަނީ ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. އެގޮތުން މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެވެ.