މޫސުމާބެހޭ އެއްދުވަހުގެ އޮންލައިން ސަމިޓެއްގައި ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގެންފިއެވެ.

އދއާއި، އިނގިރޭސިވިލާތް އަދި ފްރާންސުން ކޯ-ހޯސްޓްކުރި "ކްލައިމެޓް އެމްބިޝަން ސަމިޓް" ފަށްޓަވައި ދެއްވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ.

މޫސުމާބެހޭ ވާޗުއަލް ސަމިޓަކަށް ދުނިޔޭގެ ލީޑަރުން އެއްތަންމިވީ، ދުނިޔެއިން އެކަށައެޅި މޫސުމާބެހޭ މުއާހަދާ ނުވަތަ ޕެރިސް އެއްބަސްވުމަށް 5 އަހަރު ފުރުނު ދުވަހުއެވެ.

ޕެރިސް މުއާހަދާގައި ދުނިޔޭގެ ހުރިހާ ގައުމަކުން ސޮއިކޮށްފައިވާއިރު، ޖައްވު ހޫނުވުން 2 ޑިގްރީ ސެލްސިއެސްއަށް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ގައުމުތަކުންވަނީ އެއްބަސްވެފައެވެ.

ދުނިޔޭގެ ވެރިންގެ މެދުގައި ވާޗުއަލް ސަމިޓުގައި، ތިމާވެށި ހިމާޔަތްކުރުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުން ލިބެމުންދާ ކުރިއެރުންތަކާއި އަދި ކުރިއަށް ގައުމުތަކުން އަޅަން ރާވަމުންދާ ފިޔަވަޅުތަކުގެ ޕްރެސެންޓޭޝަންތައް ގައުމުތަކުގެ ވެރިން ސަމިޓަށް ހުށަހެޅުއްވިއެވެ.

މި ސަމިޓްގައި، ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލްއާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި، ފްރާންސްގެ ރައީސް އިމެނުއެލް މެކޯރންފަދަ، ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ވީޑިއޯ ބަޔާންތައް އިއްވިއެވެ.

ސަމިޓުގައި ލައިވްކޮށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވަނީ، ތިމާވެށި ހިމާޔަތް ކުރުމަށް އެންމެ ސަޅި ޕްލޭންތައް ހުށަހަޅާފައިވާ ގައުމުތަކުގެ ވެރިންނަށް އެކަންޏެވެ.

އެގޮތުން، ލައިވްކޮށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ވެރިންގެ ތެރޭގައި، ހޮންޑިއުރަސް، ގުއަޓިމާލާ އަދި އިންޑިއާގެ ވެރިން ހިމެނިވަޑައި ގަންނަވައެވެ.