ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 4 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި ކަމަށް އެކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ބުނެފިއެވެ. ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ 14 އެވެ.

މި މުޒާހަރާއަކީ އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ބާއްވަމުން ގެންދާ ސިލްސިލާ މުޒާހަރާތަކެކެވެ.

ރައީސް ޔާމީން ވަނީ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަން ފަށައިފައެވެ. އެއީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި ހުކުމެކެވެ. އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީން ބުނަނީ އެ ހުކުމް ގަބޫލެއް ނުކުރާނޭ ކަމަށެވެ. ރައީސް ޔާމީނަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ކޯލީޝަނުގެ ރިޔާސީ ކެންޑިޑޭޓެވެ.