ނޮވެމްބަރ 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ މައްސަލަތަކުގެތެރެެއިން މިފަހަރުވެެސް އެންމެ ގިނައީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމަހު 252 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައެވެ. އޭގެތެރެއިން 107 މައްސަލައަކީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކެެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ނޮވެންބަރ 2022 ގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ޖިންސީ ހާނިކައިގެ 25 މައްސަލަ، ޖިސްމާނީ ހާނިކައިގެ 18 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 17 މައްސަލަ އެއް ހިމެނެއެވެ. އޭގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން – ބްލެކްމެއިލް ކުރުމުގެ 2 މައްސަލައެއް ހިމެނެއެވެ. އޭގެ އިތުރުން ކުޑަކުދިނަނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 2 މައްސަލައާއި، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގްރޫމިންގ ކުރުމުގެ 1 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.

ކުޑަކުދިންނަށްކުރާ އަނިޔާގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 50 މައްސަލަ ނޮވެންބަރ މަހު ހުށަހަޅައިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 21 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާއިގުޅޭ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 2 މައްސަލަ، މާލީ އިޤްތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 2 މައްސަލަ އަދި ޖިންސީ ފުރައްސާރަކުރުމުގެ 1 މައްސަލަ ވަނީ ނޮވެންބަރ މަހު މިނިސްޓްރީ އަށް ހުށަހެޅިފައެވެ.

ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 18 މައްސަލައެއް ވެސް ނޮވެންބަރ މަހު ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 8 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 5 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލައެއް ހިމެނެއެވެ. އޭގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 25 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލަ ނޮވެންބަރ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 4 މައްސަލައެކެވެ.

މީގެ އިތުރުން އިޖުތިމާޢީ މައްސަލަތަކާއި އަޚުލާޤީ މައްސަލަތަކާއި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ މައްސަލަތައް ހިމެނެެއެވެ.