މާލެގެ ނީލަން ފިހާރައިގެ އުތުރުފަޅިން ރޯވި ބޮޑު އަލިފާންގަނޑުން ބޮޑެތީ ގެއްލުން ވެއްޖެއެވެ. މި އަލިފާންގަނޑު ރޯވެފައިވަނީ ރޭ ފަތިހު 5:49 އެހައިކަންހާއިރުއެވެ. ރޯވި އަލިފާން ނިއްވާލުމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީއާއި އެމްއެންޑީއެފުން މަސައްކަތް ކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 05:43 ހާއިރުއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފައިވާކަމަށްވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ނީލަން ފިހާރަގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތައް ގިނަ އަދަދަކަށް ވިއްކައެވެ. އެ ތަކެތީގައި ހުޅު ހިފައި މުޅި ސަރަހައްދުގައި ވަނީ ދުންބޯވެފައެވެ.

މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ގާތްގަނޑަކަށް 180 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެއެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގައެވެ. ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައެވެ.

މި ނުރައްކާތެރި ހާދިސާ އާ ގުޅިގެން ފުލުހުން ވިދާޅުވީ، އެމްއެންޑީއެފް އިން އަލިފާންގަނޑުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލް ކޮހފައިވާކަމަށެވެ. އަދި އަދި އެއްވެސް މީހަކަށް އަލިފާނުގެ ސަބަބުން އަނިޔާއެއްވިކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައެއް ނުވާކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންވަނީ އަދިވެސް އަލިފާނުގެ ހާދސާ ހިނގި ސަރަހައްދަށް އާންމުން އައުން ރައްކާތެރިއެއް ނޫންކަމަަށް ވިދާޅުވެ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ.