ރޭ ފަތިހު ނީލަން ފިހާރައިގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލްއިން، 166 ބިދޭސީ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފިއެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު މުވައްޒަފުން މިހާރު ތިބީ އިމާދުއްދީން ސްކޫލްގައި ކަމަށް ސިޓީ ކައުންސިލް މައުލޫމާތު ދެއެވެ.

މި ހާދިސާގައި ނީލަން ފިހާރައިގެ އުތުރު ފަޅިން އިމާދުއްދިން ސްކޫލާ ދިމާއިން ފެތުރެމުންދިޔަ އަލިފާންގަނޑުގެ އަސަރު، މާލެ ސިޓީ ކައުންސިލުގެ ބިދޭސީ މުވައްޒަފުން ތިބި ތިން ބްލޮކަކަށް ވަނީ ކޮށްފައެވެ. އަދި އެހިސާބު ގަނޑުގައި، ދުމުގެ އަަސަރު ހުރުމުން، އިމާދުއްދީން ސްކޫލުގެ މިއަދުގެ ކިޔެވުން ވަނީ ވަނީ މެދުކަނޑާލާފައެވެ.

މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ، މި ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ލިބުނު ގެއްލުންތައް ބައްލަވައިލައްވައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފަައެއް ނުވެއެވެ.