މާލޭ ދެކުނު ފަރާތު ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގައި ހުރި ނީލަން ފިހާރައިގައި ރޯވި އަލިފާން އެމްއެންޑީއެފަށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހެނދުނު 8:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ ފަތިހު 05:43 އެހަކަންހާއިރު ކަމަށް ވެސްއެމްއެންޑީއެފުންވިދާޅުވިއެވެ. ރިޕޯޓު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފެށިކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަ ހުރި ސަރަހައްދުގައެވެ. މީގެ އިތުރުން އަލިފާން އިތުރަށް ފެތުރި ނީލަން ފިހާރައިގެ އުތުރުގައި ހުރި މީހުން ދިރިއުޅޭ ލޭބަރކުއާޓަރެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ.

މިހާދިސާގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަމަނުންނާއި މޯލްޑިވިސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ފަޔަރމަނުން ކުރި މަސައްކަތުން ނީލަން ފިހާރައިގެ އުތުރުގައި ޢިމާދުއްދީން ސްކޫލާއި ދިމާލުގައި ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްވީ މިއަދު ހެނދުނު 07:35 އެހައިކަންހާއިރު އެވެ. ނީލަން ފިހާރައިގެ އިރުމަތިން ފެތުރެމުންދިޔަ އަލިފާން ކޮންޓްރޯލްކުރެވިފައި ވަނީ ހެނދުނު 08:30 އެހައިކަންހާއިރުއެވެ. މިހާދިސާ އާއި ގުޅިގެން ނީލަން ފިހާރައިގެ އުތުރުގައި މީހުން ދިރިއުޅުނު ލޭބަރ ކުއާޓަރގައި ރޯވި އަލިފާން ކޮންޓްރޯލްވުމުން، ފަޔަރމަނުން އެތަނަށްވަދެ ބެލި ބެލުމުން އެތަނުން އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.

ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ސާމާނުހުރި ތަނެއްކަމުން އެކްސްކަވޭޓަރުގެ އެހީގައި ސިފައިން ދަނީ އަދިވެސް އިތުރަށް އެތަނުގައި މަސައްކަތް ކުރަމުންނެވެ. ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔައީ ރާއްޖެއިން ބޭރުގެ މީހުންނެވެ. އޭގެ ތެރޭގައި ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެއް ހިމެނެއެވެ. މިހުރިހާ މީހުންނަކީ މާލެ ސީޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންއަންނަ މީހުންނެވެ. މިމީހުންގެ އެންމެން ގެ އަދަދު ހަމަކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅުކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ ރާއްޖެއިން ބޭރު މީހުންގެ ބޯހިޔާވަހިކަމުގެ ކަންކަން ހަމަޖައްސައިދިނުމުގައި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަމީ މަސައްކަތްކޮށް އެކަން ހަމަޖައްސައިފައެވެ.

ހިތާމަވެރި މި ހާދިސާ ހިނގުމާ ގުޅިގެން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން، މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މިހާދިސާއަށްފަހު ފުލުހުންވަނީ މާލޭގައި ފަހަކަށް އައިސް ހިނގާ އަލިފާނުގެ ހާދިސާތައް ދެނެގަތުމަށް ވަރުގަދަ ތަހުގީގެއް ފަށައިފައެވެ.