ނީލަން ފިހާރައިގައި ރޯވި ސަރަހައްދަށް ނާއިބު ރައީސް ފައިސަލް ނަސީމް ވަޑައިިގެން އެސަރަހައްދު ބައްލަވާލައްވައިފިއެވެ. އެތަން ބެއްލެވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިފާނުގެ ނުރައްކާޔެރި ހާދިސާތައް މާލޭގައި ހިނގުން އިތުރުވެފައިވާ ކަަމަށެވެ. އެފަދަ ހާދިސާތައް ނުހިނގާނޭ ގޮތަކަށް ކަންކަން ރޭވުމަކޯ ކޮންމެެހެން ކުރަންޖެހޭނޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރުން ރަނގަޅުނޫން އެތައް ތަނެއް އަދިވެސް މާލޭގައި އެބަހުރި ކަމަށެވެ. އެހެން ކަމުން އެފަދަ ތަންތަން އެެހެންތަނަކަސް ބަދަލުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ. މީހާރުވެސް އެއީ ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ މިފަދަ ތަންތަން ބަދަލުކުރުމުގެ ޕްލޭނާ އެއްގޮތަށް އެކަން ކުރެވިގެންދާނޭ ކަމަށާއި މުސްތަގުބަލުގައި ވެސް ކަންކަން ރާވަންވާނީ މިފަދަ ހާދިސާތައް ނުހިނގާނޭ ގޮތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. މާލޭގައިހުރި މިފަދަ ތަންތަން ބަދަލު ކުރުމަށް ނިންމާފައިވަނީ ގުޅީފަޅަށެވެ.
ނީލަން ފިހާރައަކީ ގިނަ އަދަދެއްގެ ސާމާނުހުރި ތަނެކެވެ. އެހެންކަމުން ސިފައިން ދަނީ އަދިވެސް އިތުރަށް އެތަންތަން ބަލަމުންނެވެ. ނީލަން ފިހާރައާއި ޖެހިގެން ހުންނަ ލޭބަރ ކުއާޓަރގައި ދިރިއުޅެމުންދިޔަ 166 ބިދޭސީއަކަށް މިހާދިސާގައި ވަނީ ބޯހިޔާވަހިކަން ގެއްލިފައެވެ އެހެންކަމުން އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ އިމާދުއްދީން ސްކޫލުން ހަމަޖައްސައިދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝްގެ 165 މީހުންނާއި އިންޑިއާގެ ރައްޔިތެކެވެ. މިހުރިހާ މީހުންނަކީ މާލެ ސީޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސައްކަތް ކުރަމުންއަންނަ މީހުންނެވެ.