މާލޭ ނީލަން ފިހާރަ ސިނާއީ ސަރަހައްދަށް ބަދަލުކުރަން މަސައްކަތް ކުރެއްވި ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކަމަށް ހުއްދައެއް ނުދެއްވި ކަމަށް މާލޭސިޓގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްކެއެވެ.

މޭޔަރު މިހެެން ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި ނީލަން ފިހާރައިގައި އަލިފާން ރޯވެ، އަނދައިގެން ދިއުމާ ގުޅިގެން ނޫސްވެރިންނާ ދެއްކެވި ވާހަކައިގައެވެ. މޭޔަރު ވިދާޅުވީ މީހުން ދިރިއުޅޭ ބާރު ބޮޑު ސަރަހައްދުން ނީލަން ފިހާރަ ނަގައި މާލޭގެ ސިނާއީ ސަރަހައްދަށް ބަދަލު 2021 ވަނަ ވަނީ ކައުންސިލުން ނިންމާފައެވެ.

"މާލެ އަދި ކޮންމެ ސިޓީއެއްގައި ވެސް ސެކަންޑް ހޭންޑް މާކެޓެއް އޮންނާނެ. އެއީ އޮންނަ އެއްޗެއް. އެކަން ކުރެވެން ވާނެ. އެކަމަކު މީހުން ތޮއްޖެހިފައި އޮންނަ ތަނަކު ނޫން ކުރާނީ. ރައްޔިތުންނަށް ބޭނުންވާ މި ކަހަލަ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން މުހިންމު،" މޭޔަރު ވިދާޅުވިއެވެ.

ސިނާއީ ސަރަހައްދުގައި އެކަމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި ވަކިން ރައްކާތެރި ގޮތަކަށް ތަރައްގީ ކުރުމަށް ފަހު، އެ ތަން އެ މީހުންނާ ހަވާލު ކުރަން ރާވާފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެ މަސައްކަތަށް ބޭނުންވާ ބިން ވެސް ނުދެއްވި ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކޮންމެހެން ހުންނަން ނުޖެހޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަމުންދާ އަދަދު މިހާރު ގިނަވެފައިވާ ކަމަށެވެ. އެހެން ކަމުން އެ ކަންކަން ހައްލު ކުރުމަށް އިންޑަސްޓްރިއަލް ސަރަހައްދު ބޭނުން ކުރުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

މޭޔަރުވިދާޅުވި ގޮތުގައި ނީލަން ފިހާރައިގައި ރޯވުމާ ގުޅިގެން މި ވަގުތަށް ދިމާވެފައިވާ މައްސަލައަކީ ކައުންސިލްގެ 200 މުވައްޒަފުން ވަންނާނެ ތަނެއް ނެތުމެވެ. އެކަމަށްޓަކައި ބައެއް މިނިސްޓްރީތަކާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ގޮތެއް ހަމަނުޖެހޭ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.