މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ގެނެސްފައިވާ ބަދަލު ޢާންމު ހާލަތަށް މިހާރު ގެނެސްފިއެވެ.

އެމްޓީސީސީ އިން ވިދާޅުވެފައިވާ ގޮތުގައި އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފައި ވަނީ ނީލަން ފިހާރަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންކަމަށެވެ އަދި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއްވެސް ބަންދުކޮށްފައިވާތީ ކަމަށެވެ.

މިގޮތުން އެމްޓީސީސީއިން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ އަމީނީ ރޫޓެވެ. އަދި އަމިނީ ރޫޓު މެދުކަނޑާލުމާއެކު އޯކިޑް ރޫޓު ބޭނުންކުރާ ކަސްޓަމަރުން އިތުރުވެދާނެކަމަށް ބެލެވޭކަމަށާއި އޯކިޑް ރޫޓަށް މިހާރު ބަސް އިތުރުކުރެވިފައިވާކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ވެސްޓް ޕާކުން، ހުޅުމާލޭ ފޭސް އެކަކަކާއި ދޭކަށް ދާ ބަހުގެ ޚިދުމަތްވެސް ވަނީ ވަގުތީ ގޮތުން ކާނިވަލް ސަރަހައްދަށް ބަދަލުކޮށްފައެވެ.

މާލެގެ ނީލަން ފިހާރައިގެ އުތުރުފަޅިގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:49 އެހައިކަންހާއިރުއެވެ. މި ހާދިސާއާއި ގުޅިގެން ފުލުހުންވަނީ ހާދިސާ ހިނގި ސަރަހައްދަށް އާންމުން އައުން ރައްކާތެރިއެއް ނޫންކަމަަށް ވިދާޅުވެ، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރައްވާފައެވެ.